22-02-2014 - އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް


އަންހެންކުދީން ޚިތާނުކުރުން: އިސްލާމްދީނުގައި އިޤްރާރުވެފައިވާ ހުއްދަކަމެއް! (4)




އެޒަމާނުގައި އަށަގަނެފައިވާ އަދި މީހުންކޮށްއުޅުނު އާދަކާދައިގެ ތެރެއިން؛ އެކިއެކިމިންވަރަށް އިސްލާމްދީން ފާޅުވުމަށްފަހު އެކަންކަމަށް އިންކާރުކުރައްވާފައިހުރި ބައެއްކަންކަން ތިރީގައި ހާމަކޮށްލަމެވެ. މީގެތެރޭގައި ކަނޑައެޅިގެން ޝިރުކުގެ ތެރޭގައި ހިމެނޭ ކަންކަމާ، ޝިރުކަށް ނުފޯރިޔަސް ބޮޑެތިފާފައިގެ ތެރެއިން ހިމަނުއްވާފައިވާ ކަންކަމާ، ނޭދެވޭ ކަންކަމުގެ ތެރެއިން ހިމަނުއްވާފައިވާ ނުރުހެވޭ ކަންކަން ހިމެނޭނެއެވެ. އަދި ތަފާތު ދަރަޖަތަކުގެ މީހުންގެ ތެރޭގައި އޭރުގައި އޮތް އާދަތައްވެސް ހިމެނޭމެއެވެ.

1. އާޚިރަތްދުވަހަށް އިންކާރުކުރުން
2. މަރުވުމަށްފަހު އަލުން ދިރުއްވި،ޙިސާބުބެއްލެވޭނެކަމުގައި ޤަބޫލުނުކުރުން
3. އިންސާނުންގެ މައްޗަށް އިންސާނުންގެ ތެރެއިން ޝަރީޢަތްހެދުން
4. ޙައްޤެއް ބާޠިލެއް ބެލުމެއްނެތި، ޤަވުމާއި، ވަންހަ އާއި ޢާއިލާގެ ތަޢައްޞުބުގެ މައްޗަށް ނަޞްރުދީ،ދިފާޢުކޮށް އުޅުން
5. ރިޝްވަތު
6. މާތް ﷲ އަށް ކުރާ އަޅުކަމުގައި ޞާލިޙުން މެދުވެރިކޮށްގެން އަޅުކަންކުރުން
7. ކާބަފައިންގެ އާދަކާދައާ ޚިލާފު އެއްވެސް ކަމެއް ޤަބޫލުނުކުރުން
8. އަޣުލަބިއްޔަތައް ތަބާވުން. އަދި ކަމެއްގެ ބާޠިލްކަމުގެ ދަލީލެއްކަމުގައި އެކަން ޤަބޫލްކުރާ މީހުންގެ ޢަދަދު މަދުވުންކަމުގައި ދެކުން (ރައްބާނީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިނެތް ޑިމޮކްރަސީގެ ވެރިކަން)
9. ﷲ ގެރުއްސެވުމުގެ މިންގަނޑުކަމުގައި މުދާގިނަވުން ކަމުގައި ދެކިގެންތިބުން
10. ނިކަމެތީންތިބޭ ކޮޅަކީ އަބަދުވެސް ބާޠިލްކޮޅު ކަމުގައި ހަމަޖެއްސުން
11. ވެރިއަކާ ނުލައި މީސްތަކުން އުޅެމުންދިއުމުގެ ނިޒާމް
12. ސިޙުރު ހެދުން
13. ކަހީނުކަން
14. އަތްބެލުން
15. ޙައިޟުދުވަސްވަރު އަންހެނުން ވަކި ގެއެއްގައި ބޭތިއްބުން
16. ސުންޕާކަން ހިފުން : ދަތުރަކުދާން ނިކުންނަތަނުން މަތިންދާ ދޫންޏެއް ހުރަސްކޮއްފިނަމަ އަލުން އެނބުރި ދަތުރުހުއްޓާލުންފަދަ ކަންކަން...
17. އޮރިޔާމުންތިބެ ޠަވާފުކޮށް އަޅުކަންކުރުން.
18. ހަރުދަނާ ދަރީން ހޯދުމުގެ ނިޔަތުގައި، ހަރުދަނާ ފިރިހެނުން ކައިރިޔަށް ތިމާގެ އަނބިމީހާ އަމިއްލަޔަށް އެދިގެން ފޮނުވައިގެން ކުދިން ހޯދުން.
19. 10 އަކަށްވުރެ ގިނަނޫން ޢަދަދެއްގެ ފިރިހެނުން ވެގެން އެއް އަންހެނެއްގެކައިރީ ރޭކޮށްގެން ދަރީންހޯދައި، އެދަރިފުޅުގެ ބައްޕައަކީ ކާކުކަން ކަނޑައެޅުމަކީ އަންހެނާގެ ފުށުގައިވާކަމެއްކަމުގައި އޮތުން
20. ބޭނުންކޮންމެ މީހަކާއެކު އަންނެހުން ގުޅުން ހިންގައިގެން ލިބޭ ދަރި؛ ޤިޔާފާގެ މައްޗަށް ނަސަބު ލެއްވުން
21. ކައިވެނީގެ ދިގުމިނަށް ވަކި މުއްދަތެއް ކަނޑައަޅައިގެން އަންހެނުންނާ ކުރާ ވަޤުތީ ކައިވެނި (މުތުޢާ ކައިވެނި)
22. ހުއްދަކަންކަން އަމިއްލަޔަށް ޙަރާމްކޮށް، ޙަރާމްކަންކަން ހުއްދަކަމުގައި ހަމަޖެއްސުން
23. މައްސަރުތައް އިސްފަސްކުރުން. އެގޮތުން މުޙައްރަމް އެއީ ޞަފަރު ކަމުގައި؛ޞަފަރު އެއީ މުޙައްރަމްކަމުގައި ހަމަޖެއްސުން
24. ﷲ ގެ ނަންފުޅުތައް ފުރޮޅައިގެން އެމީހުންގެ ކަލާނގެތަކަށް ނަންކިޔައިގެން އުޅުން
25. އަންހެންދަރީންނާ ފިރިހެންދަރީން 7 އަހަރަށްފަހު އެއްތަނުގައި އެއްކޮށް ނިންދެވުން
26. އެއްވެސް އިލާހަކު ޤަބޫލުނުކުރުމުގެ ފަލްސަފާ
27. މިންވަރުފުޅަށް އިންކާރުކުރުން
28. ބުމަ އުފުރުން
29. ކަޅުތިލަ ޖެހުން
30. ވިގް ގުޅުވުން
31. އިސްތަށިގަނޑު ކަޅުކުރުން
32. ނުރައުފުރުން
33. ރީތިކުރުމަށް ދަތްތައް ފޭކުރުން
34. އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކުރުން
35. ޙައިޟުދުވަސްވަރު އެއްވެސް އުފަލެއް އަންހެނާގެ ކިބައިން ލިބި ނުގަތުން
36. ދަރީން އެޑޮޕްޓުކޮށް، އެއީ ވާރުތަވެރީންކަމުގައި ހަމަޖެއްސުން
37. އެޑޮޕްޓުކުރާ ދަރީން ކައިވެނިކުރާ އަންހެނުންނަކީ އަބަދީ މަޙްރަމުންކަމުގައި ބެލުން
38. ޒަމާނަށް އެއްޗެހިކިޔައި ޢައިބުކިޔުން
39. ނަކަތްތަކަށް އީމާންވެ، އެކިތަރީގައި އެކި މީހުންނަށް ނަޞީބުވެރިކަން އެކުލެވޭ ކަމުގެ ޢަޤީދާގެ މައްޗަށް ކަންކަން ޤަބޫލްކޮށް ރާހިބިނާކުރުން.
40. ވެރިންގެ ފަރާތުން ހިތްހަމަނުޖެހޭ ގޮތަކަށްކަމެއް އަންނަކޮންމެ ފަހަރަކު އިދިކޮޅަށް ނިކުމެ، ކިޔަމަނުން ނިކުމެގަތުން
41. ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަށް ކޮޕީކުރުން
42. އަހަރަކު ވަކި ދުވަހެއް ކަނޑައަޅައިގެން ތަފާތު ޢީދު ހެދުން
43. ރަންރިހީގެ ކަންވާރާއި ހިފައިގެންގުޅޭތަކެތީގެ ބޭނުން ހިފުން
44. ޗީތާ ހަމުގެ ފޭރާންލުން
45. ރަލުން ރާހުތްހެދުން
46. އަހާއި ޙިމާރު ޖޯޑުކުރުވުން
47. ފިރިހެނުން ރަަނުގެ ގަހަނާ އެޅުން
48. ފިރިހެނުން ފަށުވިފޭރާންލުން
49. އޫރުމަސްކެއުން
50. އެކަނި މާއެކަނި ދަތުރުކުރުން
51. އަމީރަކު ޢައްޔަންނުކޮށް ޖަމާޢަތެއްގެ މީހުން ދަތުރުކުރުން
52. ތުނބުޅިބޭލުން
53. މަތިމަސްދިގުކުރުން
54. ނިޔަފަތި ދިގުކުރުން
55. ކިހިލިފަތުގެ އިސްތަށިދިގުކުރުން
56. އަބުއި ހިސާބުގައި އިސްތަށިދިގުކުރުން
57. ހަފްތާއެއްވާއިރުވެސް ފެންނުވަރާ ހުރުން
58. ރިބާ ކެއުން
59. ބަނގުރާ ބުއިމާއި އެއިން ވިޔަފާރިކުރުން
60. ޖުވާ ކުޅުން
61. ކަތިލުމަކާ ނުލައި މަރުވާ ޖަނަވާރު ކެއުން
62. ކާތަށީގެ ހުރިހާފަރާތަކުން ކެއުން
63. ގިނަ މީހުން އެއްކޮށް ކަދުރު ކާނަމަ އެހެންމީހުންގެ ހުއްދަ ނެތި އެއްފަހަރާ އެކައްޗައްވުރެ ގިނައިން ނެގުން.
64. ފޭރާދަތުން ޝިކާރަކުރާ ޖަނަވާރުތަކުގެ މަސްކެއުން
65. ވަކިގަނޑުން ޝިކާރަކުރާ ދޫނީގެ މަސްކެއުން
66. ޖަނަވާރުން އެކަތިއަނެކެއްޗާ ތަޅާފޮޅުވުން
67. ފައިދާހުރި ބޭނުމަކަށް ނޫންގޮތަކަށް އެއްވެސް ޖަނަވާރެއް މަރާލުން
68. ގޭގޭ ފާރަވެރިކަމުގައި ކުއްތާ ގެންގުޅުން
69. ކަށީންނާއި ގެރިބަކަރީގެ ބޮޑުކަމުދާތަކެތީން ނަޖިސްފުހުން
70. ޒުވާބުކުރާއިރު ހުތުރު އެއްޗެހިކިޔުން.
71. ދޮގުހުވައި ކޮށްގެން މުދާވިއްކުން
72. ކަލަގޮވުން
73. ސަލާންޖެހުން
74. ޢިލްމެއްނެތި ޖަދަލުކުރުން
75. ބޮކާއި ހިންޏާއި މާމުއިކުޅަދުރު މެރުން
76. ހުއްޓިފައިހުންނަ ފެންގަނޑުގަނޑަށް ކުޑަކަމުދިއުން
77. މީސްތަކުން ހިނގާބިނގާވެ އުޅޭތަންތަނަށާއި، ގަސްގަހުގެ ހިޔާ ދަށަށް ފާޚާނާ ނުކުރުން
78. މަގުގައި ހިނގައިބިގައި ދަތުރުކުރުމަށް ބެހެއްޓިފައިހުންނަ ފާހަގަތަކާއި އިޝާރާތްތަކަށް ގެއްލުންދީ ބަދަލުކުރުން
79. އަޅާލުމެއް، ހިތްހަމަޖައްސައިދިނުމެއްނެތި،ވަރިވެސް ނުކޮށް އުދަގޫޖައްސާފައި އަނބީން ބޭތިއްބުން
80. އަންހެނުންނަކީ ވާރުތަނުވާ ބައެއްގެ ގޮތުގައި އޮތުން
81. ޢައުރަނިވާ ނުކޮށް އަންހެނުން އުޅުން
82. އަންހެނުން އެކަނބަލުންގެގެ ނޫން ގެއެއްގައި ފޭރާންބާލައިގެން އުޅުން
83. ޢިލްމެއް އެކަމެއްގައިނެތް ކަމަކާމެދު ވާހަކަދެއްކުން
84. ދެބައޮޑުވުން
85. ޣީބަބުނުން
86. މީހަކާދިމާލަށް ހަތިޔާރު ސީދާވާގޮތައް ގެންގުޅުން
87. ވިޔަފާރިމުދާ ވިއްކުމައްޓަކައި ދޮގުހުވައިކުރުން
88. ފޭރާމުގެ ފަސްބައި، ނުވަތަ ފައިކުރި ތަނބިކަށިން ތިރިޔަށް ބެހެއްޓުން
89. ހުވަފެންނުފެންނަނީސް ހުވަފެނުގެ ނަމުގައި ވާހަކަދެއްކުން
90. ބިރުވެރި،ނުބައި ހުވަފެން މީސްތަކުންނަށް ކިޔައިދިނުން
91. ބައްޕަ ކައިވެނިކޮށްފައިވާ މީހުނާ ކައިވެނިކުރުން
92. އެއްބަނޑުއެއްބަފާ ދެ އަންހެންކުދީންނާ އެއް ވަގުތެއްގައި ކައިވެނިކޮށްގެން އުޅުން
93. މީހުންނަށް ނުބައި ވަނަމުން ގޮވާއުޅުން
94. ޖާސޫސް ކުރުން
95. ޖަނަވާރުންނަށް ނޫފުލޭވަރަށް އުފުއްލަންއުޅުން
96. މައިންބަފައިން ކުރިމަތީ ބަސްބުނެ، ކަމޭނުހިތުން
97. އެހެންދަރީންނަށް ނުދީ ވަކިދަރިއަކަށް މުދަލެއް ޚާއްޞަކުރުން
98. މިލްކުނުވާ މުދަލެއް ވިއްކާލުން
99. ރައްޔިތުންގެ މުދަލުން ޓެކުސްނެގުން
100. ފަށްކެނޑުމަށްޓަކާ ކައިވެނިކުރުން
101. ވަކި އަދަދެއްނެތި އަނބީންގެންގުޅުން
102. ކޭތަހިފާނީ މާތްމީހުންގެ މަރާ ގުޅިގެންކަމުގައި ޤަބޫލުކޮށްގެންތިބުން
103. ވައަތުން ކެއިންބުއިން
104. ކަނާއަތުން އިސްތިންޖާކުރުން
105. 3 މީހުން ތިބޭތަނެއްގައި 2މީހަކުވަކިން ސިއްރުވާހަކަ ނުދެއްކުން
106. ހުއްދަ ނެތި ގޭގެއަށް ވަނުން
107. މީހަކުގެ އިޙްތިރާމަށްޓަކައި އޭނާ އިށީނދެއިދެ ، ބަޔަކު ޤިޔާމުގައި ބޭތިއްބުން
108. ވަޞިއްޔަތުގައި ވާރުތަވެރީންގެ ހުއްދަ ނެތި އޭގެތެރެއިން ވަކި މީހަކަށް މުދަލެއް ޚާއްޞަކޮށްގަތުން
109. މުދަލުގެ 3ބައިކުޅަ އެއްބަޔަށްވުރެ އިތުރުވާ ގޮތަށް، ދުރުހިލޭމީހަކަށް މުދަލުން ވަޞިއްޔަތްކުރުން
110. ﷲ ނޫންފަރާތެއް ގަންދީ ހުވައިކުރުން
111. ވަށައިފާރުނެތް ފަންގިފިލާމަތީ ނިދުން
112. ބަންޑުން އޮވެނިދުން
113. އަލިފާންރޯކޮށް ދޫކޮށްފައި ނުނިދުން
114. ފައިވާނުގެ އެއްކިބައަށް އަރައިގެން ހިނގުން.
115. ކާއެއްޗިއްސަށް ފުމުން
116. އެއްނޭވައިން ފެންބުއިން
117. އަމާޒުފަތްގަނޑަކަށް ފުރާނަހުރިއެއްޗެހި ހެދުން
118. މަޙްރަމަކާނުލައި އަންހެނުން ދަތުރުކުރުން
119. އެތެރެނުފެންނަ ދޯރުފަދަތަކެތީގައި ތުންޖަހައިގެން ބުއިން

މިނޫންވެސް އެތައްކަމެއްގެ ޙުކުމްތައް ހިމެނެއެވެ.
ހަމައެފަދައިން އެޒަމާނުގައި އަށަގަނެފައިވާ އާދަކާދައިގެ ތެރެއިން ތަފާތު އެކިއެކިމިންވަރަށް އިސްލާމްދީން އެކަންކަމަށް އިޤްރާރުވެ، ބައެއްކަންކަމަށް ބާރުއަޅާ، އަނެއްބައިކަންކަން ވާޖިބްކުރައްވާފައިވެއެވެ. އޭގެތެރޭގައި ތެދުބުނުން،ޢަހުދަށް    ވަފާތެރިވުން،އަމާނާތްތެރިކަން،ހަނގުރާމައިގާ ހިތްވަރުގަދަކަންދެއްކުން، ކެތްތެރިކަން، މެހުމާނުންނަށް ކަމޭހިތުން، ބީރައްޓެހިންނަށް ޙިމާޔަތްދިނުން، ކައިވެނިކުރުން، ވިޔަފާރިކުރުން، ދުނިއުކަން ދަސްކުރުމާއި ހެވިކަން،ފެތުން ، އަސްދުއްވުން، ވެރިޔަކު އިސްކުރުން،ޙައްޖުވެރީންނަށް ކާންދީ ފެންފޯރުކޮށްދިނުން،ގެފުޅުމަރާމާތުކުރުމާ، އުރަކޮޅުލުން މިނޫންވެސް ކަންކަމެވެ.
އާދެ! އަންހެންކުދިން ޚިތާނުކުރުމަކީ އެޒަމާނުގައި އޮތް އާދައެކެވެ. އަދިކިއެއްތަ ޚިތާނުކުރުމަކީ އިސްވެދިޔަ ބައެއް ޝަރީޢަތުގައިވެސް އޮތް ޙުކުމެކެވެ. އެހެންކަމުން އިސްލާމްދީން  އައުމަށްފަހު އެކަމަށް އިޤްރާރުވެ ބަލައިގަނެފައިވަނީ އޭރުގައި އެމީހުންގެތެރޭގައި އޮތްގޮތަށް އިތުރު އިޞްލާޙާއި ތަހުޛީބާއިވެސް އެކީގައެވެ.

ތިރީގައި މިބަލާލަނީ ޚިތާނުކުރުމާމެދު އައިސްފައިވާ ބައެއް ޙަދީޡްތަކަށެވެ.
1- عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ  الْفِطْرَةُ خَمْسٌ الْخِتَانُ وَالِاسْتِحْدَادُ وَنَتْفُ الْإِبْطِ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ " ރިވާކުރެއްވީ އިމާމްބުޚާރީ އާއި މުސްލިމް
މާނައީ " މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ؛ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ އަރިހުން ރިވާކުރެއްވި އެވެ. އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. " ފިތުރަތުގެތެރޭގައި ފަސްކަމެއް ވެއެވެ. ޚިތާނުކުރުމާއި، ކުރިމަތިފަރާތުގައި ހުންނަ އިސްތަށިބޭލުމާއި،ކިހިލިފަތުން އިސްތަށި އުފުރުމާއި، މަތިމަސްކޮށުމާއި، އަދި ނިޔަފަތި ކެނޑުމެވެ." މި ޙަދީޡްގައި ޚިތާންކުރުމަކީ ފިޠުރަތުގެތެރޭގައި ހިމަނުއްވާފައިވާއިރު، ވަކި ޖިންސަކަށް މިކަން ޚާއްޞަކުރައްވާފައެއް ނުވެއެވެ. ވަކީން ޚާއްޞަކޮށް އެކަމަކީ އަންހެން ޖިންސަށް ގެއްލުންދެނިވި ކަމެއްކަމުގައިވާ ނަމަ ، އިލާހީދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އެކަމުގެ މައްޗަށް އިޤްރާރުވެލައްވާފައިވާ އުސްލޫބަކުން އުއްމަތާ މުޚާޠަބުކުރައްވާ ބަސްފުޅުތަކުގައި އެކަމަށް އިޝާރާތްކުރެއްވިފައި އޮތުމަކަށްވެސް މާތް ﷲ ދޫކޮށެއް ނުލެއްވީހެވެ. އަދިކިއެއްތޯއެވެ. އެކަމުގައި އޮތް ހެޔޮ ނުބައި އުއްމަތަށް ބަޔާން ކޮށްދެއްވެވީސްކަން ކަށަވަރެވެ.
2- عن عائشة رضي الله عنها ، قال رسول الله صلى الله عليه وسلم « إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ ». رواه مسلم في صحيحه
ޖުނުބުހިނެއުންވާޖިބުވާނެ ގޮތަކާމެދު ބައެއް ޞަޙާބީންގެ މެދުގައި ބަހުޡްއުފެދުމުން މާތް ﷲ ރުއްސުންލެއްވި އަބޫމޫސާ ވަޑައިގެން އެކަމާބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢާއިޝާ އާ ސުވާލުދެންނެވުމުން) އެކަމަނާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޡް ކުރައްވާފައިވެއެވެ. " އަންހެނާގެ 4 އަނގުނުގައި އިށީނދެ، ޚިތާނާއި ޚިތާނު ބީހިއްޖެ ނަމަ ހަމަކަށަވަރުން ހިނެއުން ވާޖިބުވެއްޖެއެވެ."

މި ޙަދީޡްގައި މިވަނީ ދެ ޖިންސުގެވެސް ޚިތާނުކޮށްފައިވާވުން ހިމެނޭނޭހެން ޙުކުމްބަޔާންކުރައްވައި، އެކަމަށް އިޤްރާރުވެފައިވާ ބީދައިން ބަސް ބޭނުންފުޅުކުރައްވާފައެވެ. ޚިތާނުކުރުމަކީ އޭގެ ޛާތުގައިވެސް އަންހެންޖިންސަށް ހުއްދަނުވާނޭ ކަމެއްނަމަ އެފަދަ މޭރުމުން ބަޔާންކުރެއްވުމަކީ އުއްމަތުގެ ނަބިއްޔާގެ މަޤާމާ އެކަށީގެންވާނޭ ކަމެއްނޫނެވެ. ވަކީން ޚާއްޞަކޮށް އެޒަމާނުގައި އެކަމަކީ ކުރެވެމެންދާ، އަދި މީސްތަކުންގެ ތެރޭ މަޢުރޫފުވެފައިވާ ޢާދައެއްގެ ގޮތުގައި އޮތް ކަމަކަށްވެފައިމެ؛ އެކަމެއްގައި ކުޑަމިނުން ފައިދާއަށްވުރެ ގެއްލުމުގެފަޅި އަށް ބުރަ ނަމަ އެކަން ބަޔާންކޮށްދެއްވުން ވާޖިބުވާހުއްޓެވެ . އެހެންއެކަން އޮތްއިރު އިންކާރުކުރެއްވުމެއް ނެތި، އިޤްރާރީ އުސްލޫބަކުން ޚިތާނުކުރުމުގެ ޞިފަ ދެޖިންސްގެ ޞިފައެއްގެ ގޮތުގައި ގެންނަވާފައިވުމުން އެނގިގެންދަނީ އެކަމަކީ އިންސާނުންގެ ތެރޭގައި އޮތުމަށް ހަމަ އެންމެ ރަނގަޅު އާދައެއްކަމުގައި އިސްލާމްދީނުގައިވެސް ބަލައިގަނެފައިވާ ކަމެވެ. ވަކީން ޚާއްޞަކޮށް ފިރިހެނުންގެ ޚިތާނުކުރުން ހިނގަމުންދާ ގޮތާމެދު އެއްވެސް އިރުޝާދެއްނެތި ހަމައެކަނި އަންހެންކުދީންގެ ޚިތާނުކުރުމުގެ މިންވަރާމެދު އިސްލާމްދީނުގައި ވަކިގޮތަކަށް ކުރުމަށް އިރުޝާދުއައިސްފައިވުމުން ޔަޤީންކުރަންޖެހެނީ އަންހެންކުދީން ޚިތާނުކުރުމުގެ ޙުކުމަކީ ދީނުގައި ނޭނގިގެން ދޫވެފައި ނުވަތަ ހަނދުމަނެތިގެން އިހްމާލުވެވިފައި އޮތް ޙުކުމެއްކަމުގައި ވާނޭ އެއްވެސް ޖާގައެއް ނެތްކަމެވެ. އަދި ކިއެއްތަ އެއީ އިލާހީ ވަޙީގެ ޛަރީޢާއިން އިންސާނުންނަށް ބާވައިލައްވާފައިވާ ޝަރީޢަތުގައި ހިމެނިފައިވާ ކަމެއްކަމެވެ.

ހަމައެޔާއެކު އީލާޖުގެ މިންވަރު ނުވަތަ ޖިމާޢުވުމުގެ "އިން" ކަނޑައަޅުއްވާފައިވުމުގައި ފިޤުހުޢިލްމުވެރީން ވަނީ އިސްވެދިޔަ ޙަދީޘްގެ މައްޗަށް ރިޢާޔަތްކޮށް ވާހަކަދައްކަވާފައެވެ.  ޚިތާނުކުރެވިފައި އޮތުމުގެ މައްޗަށް ދެމީހެއްގެ ގުޅުމުގައި ޒިނޭއަކަށް ވާނޭ މިންވަރާއި، ނުވާމިންވަރު ކަނޑައެޅުމުގައި ޢިލްމުވެރީން ރިޢާޔަތްކުރައްވާފައިވުމާއި، އަދި ވަރިކުރެވޭ އަންހެނާގެ ޢިއްދައިގެ މުއްދަތު ކަނޑައެޅުމުގައްޔާއި، ރަންދިނުމުގައްޔާއި، އަދި ވަރިކުރެވޭ އަންހެނާގެ އަންހެންދަރިޔާ ވަރިކުރި ފިރިހެނާ ކައިވެނިކުރުމާއި ނުކުރުން ބިނާވާ ޙުކުމްފަދަ ޙުކުމްތަކުގައިވެސް ޚިތާނުކުރެވިފައިވުމުގެ މައްޗަށް ރިޢާޔަތްކުރެވި ވާހަކަދެކެވިފައިވާތަން އިސްލާމީ ފިޤުހުން ފެނިގެންދެއެވެ. މީގެ އިތުރުން އިސްލާމްދީނުގައި އިޤްރާރުވެފައިވާ މިންވަރަށް ޚިތާނުކުރުމުގައި އެއްވެސް ގެއްލުމެއް އޮތްކަމަކަށް މިޒަމާނުގެ ދުނިޔެވީ ދިރާސާތަކަކުންވެސް ކަމުގެއަހުލުވެރީން މިވީހާތަނަށްވެސް ޘާބިތުކޮށްފައި ނުވެސް ނެތެވެ. ގެއްލުން ހިމެނޭކަމަށް އެމީހުންވެސް ވާހަކަދައްކާފައިވާ އިމަކީ ؛ އިސްލާމްދީނުގައިވެސް އެކަންކުރުމުގައި ނުރުހެވޭ އިމުގެތެރޭގައި ކަނޑައަޅުއްވާފައިވާ މިންވަރެއްކަން ފާހަގަކޮށްލަންޖެހެއެވެ. މިހުރިހާ ކަމަކުންވެސް ދޭހަވެގެންދަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި، މަތިވެރިކަމާއި އަދި ތަހުޛީބުގެ މިންވަރެވެ. އިންސާނުންގެ އަމިއްލަ ނަޒަރިއްޔާތަކާ، ބުއްދިތަކުގެ މައްޗަށް އިލާހީޝަރީޢަތުގެ ހަމަތައް އިސްވެފައިވާ ކަމުގެ އަލިގަދަ ހެތްކެވެ.



ޕްރޮގްރާމްތައް


ރޭޑިއޯ ސަލަފް އަޑުއެއްސެވުމަށް


www.salaf.mv