12-02-2014 - އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް


އަންހެންކުދީން ޚިތާނުކުރުން: އިސްލާމްދީނުގައި އިޤްރާރުވެފައިވާ ހުއްދަކަމެއް! (2 ވަނަ ބައި)
އިސްލާމްދީނުގައި ޝަރުޢީހުކުމްތައް 5 ދަރަޖައަކަށް ބަހާލެވިފައިވެއެވެ.

1. وَاجِبٌ : މިއީ ކޮންމެ މުސްލިމަކަށް އެކަމެއް ކުރުން ލާޒިމްވާނޭހެން އަމުރުކުރައްވާފައިވާ ކަންކަމެވެ.
2. مَندُوبٌ : މިއީ އެކަމެއްކުރުން މޮޅުއިތުރުވެގެންވާ ކަންކަމެވެ. ނުވަތަ ގަދަ ސުންނަތްތަކެވެ.
3. حَرَامٌ : މިއީ އެކަމެއްކުރުން ހުއްދަނުވާނޭކަމުގެ މައްޗަށް ބިނާކުރެވޭ ގަދަ ޙުކުމްތަކެވެ.
4. مَكْرُوهٌ : މިއީ ނޭދެވޭ، ނުރުހެވޭ ކަންކަމެވެ.
5. مُبَاح : މިއީ ކުރުން ހުއްދަގޮތައް ހުންނަ ކަންކަމެވެ. އެހެންކަމުން ކުރުމުގެ އަނެއް ފަރާތްކަމުގައިވާ "ނުކުރުން" ވެސް މީގައި ހަމަހަމަވެގެން ވެއެވެ. މިދަރަޖައިގެ ޙުކުމްތަކަށް ބަދަލުއަންނާނީ ނިޔަތާއި، ޙާލަތުގެ މައްޗަށް ބިނާކޮންނެވެ. އެއާއެކު މިކަމަކީ އޭގެ ޒާތުގައި ކުރުން ހެޔޮނުވާނެކަމެއްކަމުގައި، ނުވަތަ ޙަރާމްކަމެއްކަމުގައި ކަނޑައެޅުމީވެސް އިސްލާމްދީނުގައި ޖާއިޒްކަމެއްނޫނެވެ. މުސްލިމުން އީމާންވާންޖެހޭ ކަމަކީ އިންސާނުންނަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންފަޅިއަށް ބުރަވާ އެއްވެސް ކަމެއް އިސްލާމްދީނުގައި އިޤްރާރުވެފައި ނުވާނޭކަމެވެ. މި ޢަޤީދާ ބިނާވެގެންދާނީ އިސްލާމްދީން ޝަރުޢުކުރައްވައި،އެދީނަށް ރުއްސަވާފައިވާ ކާއިނާތުގެވެރި އިލާހުގެ ޙިކްމަތްވަންތަކަމާ، ދެނެވޮޑިގަތުމާއި،އޯގާވަންތަވެރިކަމާއި، އެންމެހާ ރިވެތި އަދި ފުރިހަމަ ޞިފައެއްގެ ނިހާޔަތެއްނެތްމިންވަރަށް އެކަލާނގެ ޛާތުފުޅުގައި ހުންނާނެކަމުގެ ޢަޤީދާގެ މައްޗަށެވެ. ދީންފުރިހަމަ ކުރެއްވިއިރު އެޒަމާނުގައި ހިނގަމުންދާ އެންމެހާ ނުބައިކަންކަމާއި، އިންސާނުންގެ ޒާތަށާއި، މުޖްތަމައަށް ގެއްލުންދެނިވި އެންމެހާ ކަންކަމަށް ވަނީ އިންކާރުކުރައްވާ ބާޠިލްކުރައްވާފައެވެ. ފަހަރެއްގައިވެސް އިސްލާމްދީން އައުމުގެ ކުރީގައި ޢަރަބީންނާއި، ޙިޖާޒްކަރައިގާ އަށަގަނެފައިހުރި އާދަތަކާ، ޡަޤާފަތަކީ އެކަންކަމުގައި ހެވަށްވުރެ ނުބައި ބޮޑުއިރުވެސް އެކަންކަން ޢަރަބީންގެ އާދައަކަށްވާތީ އަޅާނުލާކަންކަމަށް ހަދާފައި ދޫކޮށްލާފައި އޮތީއެއްނޫނެވެ. އެގޮތުން މާތް ނަބިއްޔާ ވަޑައިގެންނެވިއިރު އެޒަމާނުގައި ޤުރައިޝުންނާއި، މަދީނާގެ އަހުލުވެރީންނާއި، އަދި ނަޞާރާ ޔަހޫދީންގެ ތެރޭގައި ގެންގުޅެމުންދިޔަ ޒަމާންވީ،ދުވަސްވީ އާދަތަކުގެ ތެރެއިން ކިތަންމެ އާދަޔަކަށް ގޮންޖައްސަވައި ބަދަލްކުރައްވާފައި ވެއެވެ. އެއާއެކު އެޒަމާނުގައި ކުރަމުންދާ ބައެއްކަންކަމަށް އިޤްރާރުވެ، އިތުރަށް ވަރުގަދަވެސް ކުރައްވާފައި އެބަހުރިމެއެވެ.

އިސްލާމްދީނުގައި ރަނގަޅު ނުބައި ކަނޑައަޅާ މަޞްދަރަކީ އިލާހީ މަޞްދަރެވެ. އެއީ ފަހަރެއްގައިވެސް އިންސާނުން އެއުރެންނަށް ބާވައިލައްވާފައިވާ ވަޙީ އާ ނުލައި އަމިއްލަ ބުއްދިޔަށް ކޮންމެ މީހަކަށް އެފަހަރަކު ފެންނަ ގޮތެއް ނޫނެވެ. އެހެނެއްވާކަށް ނުވެސް ނެތެވެ. އަމުދުން ސަލާމަތް ބުއްދިއެއްވެސް އެމަގަކަށް ތާއީދެއް ނުމެކުރޭމެއެވެ.

އާދެ! ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކުގެވެސް ޠަބީޢަތުގައި ރަނގަޅާއި ނުބައި ހުންނަކަން ޤަބޫލުކުރުމުގެ ޝުޢޫރު ހުރެއެވެ. އޭނާގެ ފިޠުރަތުން އެކަން ފެންނާން އޮވެއެވެ.. ޢަމަލުން އިޢުތިރާފްވެއެވެ. ހުސް ރަނގަޅު ނުވަތަ ހުސް ނުބައި ނުހުންނާނެކަންވެސް އިންސާނާ ރަނގަޅަށް ދަނެއެވެ. . ތުއްތު ކުދީންނަކީވެސް ފިޠްރީގޮތުން ބައެއް ކަންކަން ބޭނުން ވެފައި، އަނެއްބައި ކަންކަމާ ދުރަށްދާ ކުދިންކަން އެނގޭއިރުވެސް ، އެ މަރްޙަލާގައި އޭނާ ބޭނުންހާ ގޮތަކާ، ނުރުހޭހާ ހުރިހާ ކަމަކަށް މައިންބަފައިން ރިޢާޔަތްކޮށްގެން އޭނާބޭނުންވާ ހުރިހާ ކަމެއް ކޮށްދީގެން ގެންގުޅުން އެދަރިފުޅުގެ މުސްތަޤްބަލަށް ރަނގަޅު ތަރުބިއްޔަތެއް ކަމުގައި ވާނެހެއްޔެވެ؟

އާދެ! ކަންކަމުގައި  ރަގަނޅާ ނުބައި ހުންނަ ކަން ކުޑަކުއްޖަކު ޤަބޫލުކުރާއިރުވެސް އެކަން ކަނޑައަޅާން އޭނާއަށް ނޭނގޭނެ ކަމުގައި އަހަރެމެން އެންމެންވެސް ޤަބޫލުކުރާނޫއެވެ.

ހަމައެފަދައިން އިންސާނާ ބޮޑުވެ އަރާއަރާފޯދުމަށް ފަހުވެސް ރަނގަޅަކާއި ނުބައެއް އޮންނަ ކަން އޭނާގެ ފިޠުރަތުން ފުހެވިގެން ނުދެއެވެ.މިކަމުގައި ދެމީހަކު ދެބަހެއްނުވާނެއެވެ. ނަމަވެސް .... ނަމަވެސް ރަނގަޅާއި ނުބައި ކަނޑައެޅުމުގައި މިވަނީ ދުނިޔޭގެ މީސްތަކުންގެ މެދުގައި ބޮޑެތި ޚިލާފުތައް އުފެދިފައެވެ. ކޮންމެ އިންސާނަކީވެސް އޭނާޔަށް މަންފާ ކުރާނެކަމަށް އަދި އޭނާ ހިތްހަމަޖައްސައިދޭނެ ކަމެއްކަމުގައި އޭނާއަށް ވިސްނޭ ކަންކަމަކީ އޭ ފިޠްރީގޮތުން އޭނާ ޝަޥުޤުވެރިވާނެކަމަކަށް ވެފައިވާ މީހެކެވެ. ރަނގަޅު ނުބައި ކަނޑައެޅުމުގައި މީސްތަކުން ތަފާތުވެފައިވެއެވެ. އެކެއްގެ މަޞްލަޙަތަކީ އަނެކާގެ މުޞީބާތްކަމުގައި ވެސް ވެފައިވެއެވެ. އެކެއްގެ ރައްކަލަކީ  އަނެކެއްގެ ނުރައްކަލެއް ކަމުގައިވެސް ވެގެންހިނގައިދާނެއެވެ. ކަންމިހެން އޮތް އިރު ރަނގަޅު ނުބައި ކަނޑައެޅުމަށް ކޮންމެމީހަކަށްވެސް އެމީހަކު އަމިއްލައަށް ކަނޑައަޅައިހަދާން ދޫކޮށްލެވިއްޖެނަމަ ސަލާމަތްބުއްދި ތަންދޭ ވިސްނުމަކީ އިންސާނުން އަމިއްލަޔަށް ރަނގަޅު ނުބައި ކަނޑައެޅުމަކީ މުޅިއިންސާނިއްޔަތަށް ބަލާއިރު މަޞްލަޙަތު އޮންނާނެ ގޮތެއްނޫންކަމެވެ. އަދިކިއެއްތަ، ކޮންމެ މީހަކު އެމީހެއްގެ ޚިޔާލުގެ މައްޗަށް ރަނގަޅު ނުބައި ކަނޑައެޅުމަކީ އެއީ ރަނގަޅުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާކަން ޚުދު އިންސާނާއަށް އިޢުތިރާފްވާން މަޖްބޫރުކުރެއެވެ. އެހެންކަމުން އެއްވެސް މަޞްލަޙަތެއް، ޙާޖަތެއް، މަންފާ އެއް އިންސާނުންގެ ފުށުން ބޭނުންވެވޮޑި ނުގަންނަވާ، އޯގާވަންތަ، ޙިކްމަތްވަންތަ، ވީގޮތާއި ، ވާގޮތާއި، ވާނޭގޮތް، މޮޅަށްދެނެވޮޑިގަންނަވާ ދިރިދެމިވޮޑިގަންނަވާ، ނިދިއަވަހާރަފުޅަކަށް ބޭނުންވެވޮޑިނުގަންނަވާ މާތް ﷲ އެކަލާނގެ އުފެއްދެވި އިންސާނުންނަށްޓަކައި ހެޔޮނުބައި ކަނޑައެޅުއްވުމުގައި  އޯގާވެރިކަން ނޫނީ ހިމެނޭނެ ހެއްޔެވެ؟

(ނުނިމޭ..)ޕްރޮގްރާމްތައް


ރޭޑިއޯ ސަލަފް އަޑުއެއްސެވުމަށް


www.salaf.mv