05-04-2016 - ޖަމްޢިއްޔަތުއްސަލަފް މީޑިއާ


ޖަމްޢިއްޔަތުއްސަލަފާއިއެކު 6 ޝައިޚުންނާއި 4 ޑޮކްޓަރުންގެ ޓީމެއް ފ.އަތޮޅަށް
ރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ދީނީ އިޖްތިމާޢީ ބޮޑު ޙަރާތެއްކަމަށްވާ "ރިޙްލާ" ގެ މިއަހަރުގެ ދަތުރު ބުރާސްފަތި ދުވަހު ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ދަތުރު ދިއުމަށް ހަމަޖެހިފައިވަނީ ފ.އަތޮޅަށެވެ. ފ.އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށް ދީނީ އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއް ރޭވިފައިވާ މި ދަތުރުގައި ޖުމްލަ 26 މީހުން ހިމެނޭއިރު އޭގެތެރޭގައި 6 ޝައިޚުންނާއި 4 ޑޮކްޓަރުން ހިމެނިވަޑައިގަންނަވަ އެވެ. އެޕްރީލް 7 އިން 9 އަށް ކުރިއަށް ގެންދާ މިޙަރާކާތްތަކުގެތެރޭގައި ދީނީ ދަރުސްތަކުގެ އިތުރުން ތަފާތު ގިނަ ވޯކްޝޮޕްތައްވަނީ ރޭވިފައެވެ. މުޅިއަތޮޅަށް ހުޅުވާލެވިގެން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ވަގުތު ތަންދޭ މިންވަރަކަށް ކުރިއަށްދާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ދަތުރުގައި ވަޑައިގަންނަވާ ޝައިޚުންނަކީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް އަޙްމަދު މާޖިދު، އައްޝައިޚް އަޙްމަދު ޝުޢައިބު، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އަދި އައްޝައިޚް އަޙްމަދު ސަލީމު އެވެ. އަދި ޤުރްއާން ތިލާވަތާއި ތަޖްވީދުގެ ފަންނު އުގަންނައިދެއްވުމަށް އަލްޤާރީ މުޙައްމަދު ތަޥްފީޤު ޢަލީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މިދަތުރުގައި ވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. ޔޫސުފް ޝާން، ޑރ. އިބްރާހީމް ޝިހާމް، ޑރ.ޠާރިޤް މަޖީދު އަދި ޑރ. ޢަބްދުލް ޢަޒީޒް އެވެ.

މިފަހަރުގެ ރިޙްލާ ދަތުރުގައި ދީނީ ދަރުސްތަކުގެ އިތުރުން ޢަޤީދާ ވޯކްޝޮޕް، ނަމާދު ވޯކްޝޮޕް، ޤުރްއާން ވޯކްޝޮޕް، ކަށުކަމާކެމީގެ ވޯކްޝޮޕް، އެއާކޮންޑިޝަން ވޯކްޝޮޕް، މަވައްދަތް (ޢާއިލީ ބަދަހިކަމާއިގުޅޭ) ވޯކްޝޮޕް ގެ އިތުރުން އައިޓީ ވޯކްޝޮޕް ހިމެނެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ މުޅި ޓީމު މަރުކަޒު ކުރުމަށް ހަމަޖެހިފައިވަނީ ފ.ނިލަންދޫގަ އެވެ. އަދި މިދަތުރަށް މުޅި ފ.އަތޮޅު ތައްޔާރުވަމުންދާކަމަށް ޚަބަރު ލިބެއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު އަދި އިތުރު ރިޙްލާ ދަތުރެއް ދިއުމަށްވަނީ ޤަޞްދު ކޮށްފައެވެ.
ޕްރޮގްރާމްތައް


ރޭޑިއޯ ސަލަފް އަޑުއެއްސެވުމަށް


www.salaf.mv