15-03-2016 - ޖަމްޢިއްޔަތުއްސަލަފް މީޑިއާ


ރާއްޖޭގެ 16 ޢިލްމުވެރިންގެ ވަފުދެއް މައްކާއަށް
ދީނީ ޢިލްމުވެރީންނާއި، ދާޢީންގެ އިތުރުން ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ޚާއްޞަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ 16 ޢިލްމުވެރިންނާއި ދީނީ ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ 4 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިމަހު 17 ގައި މައްކާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފާއި ސަޢުދީ ޢަރަބިއްޔާގެ وزارة الشؤون الإسلامية ގެ މައްކާގެ ގޮތްޕެއްކަމަށްވާ  المكتب التعاوني للدعوة والإرشاد ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރާ މިދަތުރަކީ ޢިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ޙިއްޞާކުރުމަށް ކުރާ ދަތުރެކެވެ. މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ ފަންނާއި، ދާއިރާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުންވެސް ބައެއް ވޯކްޝޮޕްތައް ކުރިއަށް ދާނެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ މާތްވެގެންވާ މައްކާގައި މިމަހުގެ 17 އިން 24 އަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެތެރޭގައި ދީނީ ޢިލްމުވެރީންނާއި ދާޢީންނާއި މެދުގައި އޮންނަންޖެހޭ ގުޅުމާއި އެކުވެރިކަން އާލާ ކުރުމާއި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން އިޖްތިމާޢީ މަސައްކަތްތައް ކޮށްއުޅުމުގެ އާ ދޮރުތައް ހުޅުވާލަދިނުމާއި، އިސްލާމްދީނުގެ ޚިދުމަތުގައި ސަޢޫދީ ޢަރަބިއްޔާގެ ދައުރާމެދު ހޭލުންތެރި ކުރުވުމާއި، ޢިލްމީ، ތަރުބަވީ، ދަޢަޥީ ދާއިރާތަކުން ޢިލްމުވެރީންނާއި ދާޢީން މުއްސަންދި ކުރުމާއި، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރީންނާއި ގުޅުން ޤާއިމުކޮށް މުޢާމަލާތްކުރުމަށް ފަސޭހަކޮށްދެނިވި ދޮރެއް ހުޅުވާލުމާއި، ޙައްޤުގެ މަގުގައި ޘާބިތުވެ ތިބުމަށް ބާރުއަޅައި، އިސްލާމްދީނަށް ޚިދްމަތް ކޮށްދިނުމުގެ ދާއިރާ ފުޅާކުރުން ހިމެނެއެވެ.

ދަތުރުގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންނަކީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ޢަހްމަދު މާޖިދު، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް އިބްރާހީމް މާހިރު، އައްޝައިޚް ޢާޞިފް މޫސާ، އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޚް ޢަލީ ޒަޢިދު، އައްޝައިޚް މުޙައްމަދު އިބްރާހީމް، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް، އައްޝައިޚް މުޙައްމަދު ޝާފިޢު، އައްޝައިޚް މުޙައްމަދު ޒާހިދު، އައްޝައިޚް ހައިޝަމް މުޙައްމަދު، އައްޝައިޚް ޢަބްދުއްސަލާމް ޙަލީމް އަދި އައްޝައިޚް ޙަސަން ނާޖީ އެވެ. ޢިލްމުވެރިންގެ އިތުރުން ދީނީ ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ހަތަރު ބޭފުޅުންކަމަށްވާ އަލްޤާރީ މުޙައްމަދު ރިޔާޟު، އަލްޤާރީ ޢަބްދުއްރައުފް، އަލްޤާރީ އަޙްމަދު ރިޔާޟް އަދި އަލްއަޚް ޢަލީ ރަމީޒު ބިން ޤާސިމް ހިމެނިވަޑައިގަނެއެވެ.
ޕްރޮގްރާމްތައް


ރޭޑިއޯ ސަލަފް އަޑުއެއްސެވުމަށް


www.salaf.mv